www.fgks.org   »   [go: up one dir, main page]

ވައިކަރަދޫ ފެން ހުސްވެގެން ވައިކަރަދޫގައި މުޒާހަރާކޮށްފި

ހދ. ވައިކަރަދޫގައި ބޯފެން ހުސްވުމުގެ ސަބަބުން އެ ރަށުގެ ބައެއް ރައްޔިތުން ނުކުމެ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖެއް ކޮށްފި އެވެ.

ވައިކަރަދޫގައި ބޯފެން ހުސްވުމުގެ މައްސަލަ ހޫނުވެ އެ ރަށުގެ ބައެއް ރައްޔިތުން ވަނީ ރޭ ރަށު ކައުންސިލް އިދާރާ އާއި އެ ރަށުގައި ހުންނަ ފެނަކައިގެ އިމާރާތް ކައިރިއަށް އެއްވެ، ޝުއޫރު ފާޅުކޮށް ބެނާތަކެއް ދަމާފަ އެވެ. ބޯފެނުގެ މައްސަލަ ހައްލު ވަންދެން ކޮންމެ ރެއަކު މުޒާހަރާ ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ،

އާބާދީގައި ގާތްގަނޑަކަށް 700 އެއްހާ މީހުން އުޅޭ ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް "އަވަސް" އަށް ވިދާޅުވީ މި ރޯދަ މަސް ފެށުމާއެކު ރަށުން ދޭތެރެދޭތެރެއިން ފެން ހުސްވަމުންދާ ކަމަށާއި ވޭތުވެދިޔަ ފަސް ދުވަހު ރަށުން އެއްގޮތަކަށް ވެސް ފެން ނުލިބޭ ކަމަށެވެ.

ނަސީމް ވިދާޅުވި ގޮތުގައި މި މައްސަލަ ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަންއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެ މައްސަލަ ހައްލުވާނެ ކަމަށެވެ.

ވައިކަރަދޫގައި ފެން ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން ދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ވައިކަރަދޫއަކީ ސާފު ބޯފެން ހުސްވުމުގެ މައްސަލަ އާންމުކޮށް ދިމާވާ ރަށަކަށްވާތީވެ ރަށުގައި އާރްއޯ ފެން ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.